Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސަރުކާރުން އެހެން ޕާޓީތަކަށް ވުރެ އެމްޑީޕީގެ ބަސް އިސްކުރަންޖެހޭ

ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ހަސަން ލަތީފް - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކަންކަން ނިންމުމުގައި އެހެން ޕާޓީތަކަށް ވުރެ އެމްޑީޕީގެ ބަސް އިސްކުރަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ ޓެރަރިސްޓުން ހައްޔަރުކުރުމަށް ކުއްލި ނުރައްކާ އިއުލާންކުރުމަށް ގޮވާލާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރަކާ ގުޅިގެން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި އެ ގަރާރު ވަނީ 39 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ސަރުކާރުން ކަންކަން ނިންމުމުގައި އެމްޑީޕީގެ ބަސް އެހެން ޕާޓީތަކުގެ ބަހަށް ވުރެ އިސްކުރަންޖެހޭ ކަމަށާއި އޭގެ ސަބަބުތައް ދިގުކޮށް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ބަހަކީ އިސް ބަހެއްގެ ގޮތުގައި ބެލެވެން ވާނެ ސަރުކާރުން ކަންކަން ނިންމުމުގައި. އޭގެ ސަބަބުތަކަކަށް ނުދާނަން" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މިރޭ ގައުމީ މަޖިލީހުގައި ބަހުސް ކުރެވުނު މައްސަލަތައް ފަދަ މައްސަލަތަކުގައި ސަރުކާރުން ރިއާޔަތް ކުރަން އޮތް އެންމެ އިސް ބަހަކީ އެމްޑީޕީގެ ބަހަށް ވާންޖެހޭ ކަމަށެވެ.

ހަސަން މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ނުފޫޒުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުންތައް އެމަނިކުފާނު ބަދަލުކުރައްވާކަމަށް ނަޝީދު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ދާދިފަހުން ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށް ކަމަށާއި، އަދި އެމްޑީޕީއަށް އެ ފުރިހަމަ މޮޅު ހޯދުމުގައި ކޯލިޝަނެއްގެ އެހީތެރިކަންވެސް ލިބުނު ކަމަށެވެ.

ނަމަވެސް އެ ކޯލިޝަންގައި ހިމެނޭ "ކުޑަ ޕާޓްނަރެއް" ކަމަށްވާ އަދާލަތު ޕާޓީއަށް ރައީސް ސޯލިހްގެ ހުރިހާ ނިންމެވުންތަކަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމަނިކުފާނު ދެއްވާނެކަން މިހާރު ސާފުވެފައިވާކަމަށާ އަދި އެހެންކަމުން މިހާރު ކޯލިޝަންގެ މިސްރާބު ހުރީ ޑިމޮކްރަސީގެ ހަމަތަކާ ދުރަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.