Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ޕާޓީއެއްގެ ރައީސަކު މީހުންނާ ދިމާލަށް "އިޑިއަޓް" އަށް ގޮވުން ދެރަވަރު

ރައީސް ނަޝީދާއި ރޮޒެއިނާ - ފޮޓޯ: ސަން

ޕާޓީއެއްގެ ރައީސަކަށް ހުންނަވާ ބޭފުޅަކު މީހުންނާ ދިމާލަށް "އިޑިއަޓް" އަށް ގޮވުމަކީ ދެރަވަރު ކަމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިމިވަނީ އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ރޮޒެއިނާ ފަދަ "އިޑިއަޓް" އަކާއި ޒުވާބު ކުރުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރޭ އައްޑޫލައިވް އިން ކްލަބްހައުސްގައި ގެނެސްދިން "އަހަފެލެ" ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ބުނަންޖެހޭ އެއްޗެއް ބުނުމުން އެކަމާ ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަމަށާއި އެފަދަ ވާހަކައެއް ދެއްކުމުން އޭނާއާ ދިމާލަށް "އިޑިއަޓް" އެކޭ ބުނެ، އެ ޒާތުގެ ވާހަކަތައް ޕާޓީއެއްގެ ރައީސްކަން ކުރައްވާ ބޭފުޅަކު ވިދާޅުވުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

"އެއަށް ވުރެ ހިކުމަތްތެރިކޮށް ރައީސް ނަޝީދުގެ ފެންވަރުގެ ބޭފުޅަކު ވާހަކަފުޅު ދައްކަވަން ވާނީ" ރޮޒެއިނާ ވިދާޅުވިއެވެ.

އަދި ނަޝީދު ދައްކަވާ ވާހަަކަފުޅުތަކުގައި ކަމުދާ ކަމެއް ހުރިނަމަ އެ ވާހަކައެއް ބުނާނެ ކަމަށާއި އަދި ކަމުނުދާ ވާހަކައެއް ހުރިނަމަ އެ ވާހަކައެއް ވެސް ބުނާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީ އަށް ސޮއިކުރީ ވެސް ޑިމޮކްރެޓިކްކޮށް ހިނގާ ޕާޓީއެއް ކަމަށް ދެކިގެން ކަމަށާއި އަދި ވަކި މީހަކަށް ތަބާވެގެން އެމީހަކު ބުނާހާ އެއްޗަކަށް އާނއެކޭ ބުނަން ޖެހޭނެ ކަމަށް ދެކިގެން ނުހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިޔަސް އަޅުގަނޑު ދަންނަވާނަން، އަޅުގަނޑަށް ފެންނަ އެއްޗެއް. އަޅުގަނޑަށް ގަބޫލުނުކުރެވޭ ވާހަކައެއް ވެއްޖެއްޔާ އެ ވާހަކައެއް ބުނަމުން މިހާތަނަށް ވެސް އައިސްފައި ހުންނާނީ" ރޮޒެއިނާ ވިދާޅުވިއެވެ.