Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ނާޒިމްގެ ޕާޓީ މިއަދު ލޯންޗު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީ މިއަދު ލޯންޗު ކުރުމަށް ނިންމައިފިއެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީ ގެ ނަމުގައި އުފައްދާ މި ޕާޓީ ލޯންޗު ކުރުމަށް މިއަދު މެންދުރު 2:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު ބައިވެރިވަޑައިގަންނަވާނެއެވެ.

އެމްއެންޕީ އިން އިއްޔެ ވަނީ އެ ޕާޓީގެ ލޯގޯ ފުރަތަމަ ފަހަރަށް ދައްކާލާފައެވެ. އެގޮތުން އެ ޕާޓީގެ ކުލައިގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގަދަ ނޫ ކުލައާއި ފެހި އަދި ހުދު ކުލައެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ މެމްބަރު އުޝާމް އެވެ.