Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

އަމިއްލަ މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރަން ފުރުސަތެއް ނެތް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަން އެކަށީގެންވާ ފުރުސަތެއް ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މަޖިލީހަށް އިންތިހާބުވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އޭނާ މިހާރު ވަނީ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅުމަށް ނިންމާފައެވެ. އުޝާމް ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދައުރު ނިމެންދެން އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވައުދުވެފައެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އުޝާމް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގައި ކުރެވުނު ތަޖުރިބާ އަކީ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށާއި އެއާއެކު ދާއިރާގެ ގިނަ ރައްޔިތުންނާ މަޝްވަރާކުރުމުން ގިނަ ބަޔަކު ދިން ލަފަޔަކީ ޕާޓީއަކާ ގުޅިގެން ކުރިއަށް ދިޔުން ކަމަށެވެ.

އަދި މަޖިލީހުގައި މިހާރު އޮތް ލީޑަޝިޕްގެ ދަށުން އަމިއްލަ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ދަތި ކަމެއް ކަމަށާއި ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އާއި ވެސް މަޝްވަރާ ކުރެއްވި ކަމަށް އުޝާމް ވިދާޅުވިއެވެ. އެގޮތުން އަމިއްލަ މެމްބަރުންނަކީ ތިބެންޖެހޭ ބައެއް ކަމަށް މަޖިލީހުގެ ރައީސް ގަބޫލުނުކުރައްވާ ކަމަށާއި މަޖިލީހުގެ ގަވާއިދު އެކުލަވާލާފައިވާ ގޮތުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށް އެކަށީގެންވާ ފުރުސަތެއް ނެތް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

އެގޮތުން ދާދިފަހުން މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލަށް ވާހަކަދައްކަން އަމިއްލަ މެމްބަރުންނަށް ލިބުނީ އެންމެ 30 ސިކުންތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ މިހާރުގެ ލީޑަޝިޕްގެ ދަށުން، މަޖިލިސްގެ ކަންކަން އެކުލަވާލެވިފައިވާ ގޮތުން އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުރެ މަސައްކަތް ކުރުމަށް އެކަށީގެންވާ ފުރުސަތެއް ނެތޭ. އެއީ މި ނިންމުން ނިންމި މައިގަނޑު ސަބަބުތަކަކީ" އުޝާމް ވިދާޅުވިއެވެ.