Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

އެމްއެންޕީ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ވަނުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެމްއެންޕީ އިން މިއަދު ވަނީ އެ ޕާޓީގެ ރަޖިސްޓްރޭޝަން އޮފީސް ހުޅުވާފައެވެ. މި އޮފީސް ހުޅުއްވައިދެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

އެމްއެންޕީ އިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10 އިން ރޭގަނޑު 11 އާއި ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު އޮފީސް ހުޅުވިފައި ހުންނާނީ ހަވީރު 4 އިން ރޭގަނޑު 11 އާއި ހަމައަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

އެމްއެންޕީ އިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވަނީ އެ ޕާޓީން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.