Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ބިދޭސީ ޓީޗަރުންނަށް ދޭ އެލަވެންސްތައް ދޭނަމަ ދިވެހިން ލިބޭނެ

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރު ޓީޗަރުންނަށް ދޭ އެލަވެންސްތައް ދޭނަމަ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ލިބޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި މީގެކުރިން މަސައްކަތް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭއިރު ބިދޭސީ ޓީޗަރުންނާ އެއްގޮތަށް ރަށުން ބޭރުގައި ޚިދުމަތްކުރާ ދޭސީ ޓީޗަރުންނަށް ކާނާއާއި އެކޮމަޑޭޝަން އެލަވަންސް ލިބޭ ގޮތަށް އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ.

އަދި އެގޮތަށް އުސޫލު ކަނޑައަޅައިފިނަމަ ފެންވަރު ރަނގަޅު ދޭސީ ޓީޗަރުން ލިބޭނެ ކަމަށާއި އަދި ޤާބިލު ދޭސީ ޓީޗަރުން ލިބުމަކީ ޤައުމީ މަންހަޖުގެ ނަތީޖާ ނެރެން މާބޮޑަށް ފަސޭހަވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު ދިވެހި ޓީޗަރުން ނުލިބިގެން ބައެއް މާއްދާތާ ކިޔަވައިދިނުމަށް އިންޑިއާ އިން ޓީޗަރުންތަކެއް ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖެ ގެނެސްފައެވެ.

އެގޮތުން އިންޑިއާގެ ކެރެލާ އިން ވަނީ ފަސް އަރަބި ޓީޗަރުންނާއި، ފަސް ގުރުއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލެއްގައި ކިޔަވައިދިނުމަށް ގެނެސްފައެވެ. މި ޓީޗަރުން ގެނެސްފައިވަނީ އިންޑިއާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އެގައުމުގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކޮށް ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އެ އެޖެންސީން މިދިޔަ އަހަރުގެ ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށެވެ.

އަދި މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއި ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.