Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އައްޑޫ އާންމު ހާލަތާ ދިމާލަށް، އައު ކޭސްއެއް ނުފެންނަތާ ފަސް ދުވަސް!

އައްޑޫ ސިޓީ އިން މިއަދު ވެސް ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނިފައި ނުވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

މިއީ އައްޑޫ އިން ޕޮޒިޓިވް ކޭހެއް ނުފެނި ޖެހިޖެހިގެން ދިޔަ ފަސްވަނަ ދުވަހެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ ހަ އެކްޓިވް ކޭސް އުޅޭއިރު، މަރަދޫގައި 19 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 26 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު ތިން މީހަކު ރަނގަޅުވެ، އަދަދު ވަނީ 528 އަށް އަރާފައެވެ. މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.