Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ކުއްލި ހާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ

ކުއްލި ހާލަތު އިއުލާންކުރަންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިވާއިރު ޓެރަރިސްޓުން ހައްޔަރުކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހުން ދާދިފަހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމާ ގުޅިގެން ސަންގުޓީވީގެ ޕްރޮގްރާމެއްގައި ރޮޒެއިނާ ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ގެންދަވާ ގޮތާއި މެދު ހިތްހަމަނުޖެހޭނަމަ ރައީސް އާއި ވާހަކަދައްކަވައިގެން އެ ކަންކަން އޮޅުންފިލުވޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން ކުއްލި ހާލަތު އިއުލާން ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކާ އިއުލާންކޮށްގެން ފަތުރުވެރިކަމަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށާއި އޭރު ކޮވިޑްގެ ހާލަތެއް ވެސް ނެތްއިރު އިގްތިސާދު މިހާރު އޮތްހާ ބަލިކަށި ނޫން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ހިންގަންޖެހޭ އެއްވެސް ލޮޖިކަލް ސަބަބެއް ނުފެނޭ. ފުލުހުން ބޭއްވި އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުންނަށް ކުއްލި ނުރައްކާ އިއުލާން ނުކޮށް މިވެނި ކަމެއް ކުރެވޭކަށް ނެތް ކަމަށް ފާހަގަކުރައްވާފައެއް ނުވޭ" ރޮޒެއިނާ ވިދާޅުވިއެވެ.

އަދި ސަލާމަތީ ބާރުތަކުން އެފަދަ ކަމެއް ބޭނުންވާނަމަ ރައީސުލްޖުމްހޫރިއްޔާ އަށް އެކަން އަންގަވާނެ ކަމަށާއި އެކަމުގައި ގޮތް ނިންމާނީ ރައީސް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީން މިފަދަ ގަރާރެއް ފާސްކުރިއިރު ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ. އެމްޑީޕީގެ މި ނިންމުމާ ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.