Last Updated: March 29, 10:07
Friday, March 29, 2024
ދުނިޔެ

ނިއު ޔޯކުގެ ގަވަރުނަރުގެ އިސްތިއުފާ ދެއްވައިފި

ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކޫމޯ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ގިނަ އަދަދެއްގެ އަންހެނުންތަކަކަށް ކޫމޯ ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ތަހުގީގީ ރިޕޯޓެއްގައި ފާހަގަކޮށްފައިވާތީ އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ދާދިފަހުން ވަނީ ކޫމޯ އަށް ގޮވާލައްވާފައެވެ.

މި ތަހުގީގު ރިޕޯޓު އެކުލަވާލީ މިދިޔަ އަހަރު ކޫމޯގެ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި އަންހެނުން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ. އެގޮތުން ތަހުގީގުގައި 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޫމޯ ވިދާޅުވީ އޭނާގެ ފަރާތުން އެއްވެސް އަންހެނަކު ހިތްހަމަނުޖެހޭ ކަމެއް ކުރެވިފައިވާނަމަ މައާފަށް އެދޭ ކަމަށާއި އޭނާގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ. އަދި މިވަގުތު އެމެރިކާ އަށް އޭނާއަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ މަގާމުން އެއްފަރާތްވެ، ގައުމުގައި ހުރި މުހިއްމު ކަންކަމަށް ވަގުތު ހުސްކުރުމަށް ސަރުކާރަށް ޖާގަދިނުން ކަމަށް ކޫމޯ ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރި ނަމަވެސް ކޫމޯގެ މަގާމު ރަސްމީކޮށް ހުސްވާނީ 14 ދުވަސް ފަހުންނެވެ. އެ މަގާމާއި ދެން ހަވާލުވާނީ އުމުރުން 62 އަހަރުގެ ކުރީގެ ކޮންގްރެސް މެެމްބަރު ކެތީ ހޯޗުލްއެވެ.

ސިޔާސީ ގޮތުން ނިއު ޔޯކްގެ ބާރުގަދަ އާއިލާއަކަށް ނިސްބަތްވާ ކޫމޯ މިހާރު ފުރުއްވަމުން ގެންދަވަނީ ނިއު ޔޯކުގ ގަވަރުނަރުކަމުގެ ތިންވަނަ ދައުރެވެ.