Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

އަފްގާންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ތާލިބާނުން ހިފައިފި

އަފްގާނިސްތާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ، ކަންދަހާރު ހިފާފައިވާކަން ތާލިބާނުން އިއުލާންކޮށްފިއެވެ.

އަފްގާނިސްތާނުގެ ޒަމާންވީ ހަމަނުޖެހުން ގޯސްވެ، ތާލިބާނުންގެ ބާރުގަދަ ކުރަން ފަށާފައިމިވަނީ އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިންގެ ފައުޖުތައް ފައިބަން ފެށުމުންނެވެ.

އެގޮތުން ތާލިބާނުން ވަނީ ޕްރޮވިންސް ވެރިރަށްތަކުގެ ތިން ބައި ކޮށްފައި އެއް ބައި ހިފާފައި ކަމަށްވާއިރު، އެގައުމުގެ އުތުރުގެ ހިސާބުތަކުގެ ކޮންޓްރޯލް ވެސް މިހާރު ވަނީ ތާލިބާނުންގެ ދަށަށް ގެންގޮސްފައެވެ. އަދި އިއްޔެ އަކީ ތާލިބާނުން އެންމެ ގިނަ އަދަދަކަށް ސިޓީތަކުގެ ކޮންޓްރޯލް ހޯދި ދުވަހެވެ.

އެގޮތުން ތާލިބާނު ޖަމާއަތުގެ ތަރުޖަމާނު ވަނީ އެގައުމުގެ މުހިއްމު ސިޓީތައް ކަމަށްވާ ހެރާތް އާއި ގަޒްނީ ފަދަ ސިޓީތަކުގެ ބާރު މިހާރު ލިބިފައިވާކަން ހާމަކޮށްފައެވެ. އަދި ކަންދަހާރު ސިޓީ އެއްކޮށް ހިފާފައިވާކަން ވެސް ތަރުޖަމާނު ވަނީ އިއުލާންކޮށްފައެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަންދަހާރުގައި ތިބި އަފްގާނުގެ ސިފައިން ވަނީ އަމާންދީ އެ ސިޓީ ދޫކޮށް ގޮސްފައެވެ. ތާލިބާން ޖަމާއަތް އުފެދިގެން އައިސްފައިވަނީ ކަންދަހާރުން ކަމަށްވާއިރު އެ ސިޓީއަކީ މީގެކުރިން ވެސް އެ ޖަމާއަތުގެ ބާރުގަދަ ސިޓީއެކެވެ.

ހަލުވި މިނެއްގައި އަފްގާންގެ ސިޓީތައް ތާލިބާނުން ހިފަމުންދާއިރު، ދުރު ނޫން މުސްތަގުބަލެއްގައި އެގައުމުގެ ވެރިރަށް ކާބުލްގެ ބާރުވެސް ތާލިބާނުން ހޯދުމުގެ ބިރު މިހާރު ވަނީ ހީވާން ފަށާފައެވެ.

ތާލިބާނުންގެ ހަރަކާތްތައް ވަރުގަދަ ކުރަން ފަށާފައިވާއިރު، އެގައުމުގައި ތިބި އެމެރިކާ އެމްބަސީގެ މުވައްޒަފުން އަނބުރާ ގައުމަށް ގެންދިޔުމަށް އެގައުމުން ވަނީ 3000 ސިފައިން އަފްގާނިސްތާނަށް ފޮނުވުމަށް ނިންމާފައެވެ. އަދި އިނގިރޭސިވިލާތުން ވެސް 600 ސިފައިން އެގައުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.