Last Updated: March 29, 16:28
Friday, March 29, 2024
ދުނިޔެ

މާދަމާ އިން ފެށިގެން ލަންކާގައި ކާފިއު ހިންގަނީ

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މާދަމާ އިން ފެށިގެން ސްރީލަންކާގައި ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ލަންކާގެ އާމީ ކޮމާންޑަރު ޖެނެރަލް ޝަވެންދްރާ ސިލްވާ ވިދާޅުވީ މާދަމާ ރެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރޭގަނޑު 10 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޒަރޫރީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ކާފިއު ވަގުތުގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔުމާ ގުޅިގެން ލަންކާގެ ސަރުކާރުން ވަނީ ކައިވެނި ހަލްފާތަކާއި، އާންމު އެއްވުންތައް ބޭއްވުން މަނާކޮށްފައެވެ. އަދި ރެސްޓޯރެންޓުތަކުގައި ތިބެގެން ހިދުމަތްދޭ މީހުންގެ އަދަދު ވެސް މަދުކުރުމަށް ވަނީ އަންގާފައެވެ.

ކޮވިޑްގެ ކޭސްތައް ލަންކާގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިއަދުގެ މިހާތަނަށް އެގައުމުން ވަނީ 2576 ކޭސް ފެނިފައެވެ. އެއާއެކު އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ތިން ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 6000 އަށް ވުރެ މައްޗަށް އަރާފައެވެ.