Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އަފްގާނިސްތާން ހަނގުރާމަ ނިމިއްޖެކަން ތާލިބާނުން އިއުލާންކޮށްފި

އަފްގާނިސްތާނުގެ ހަނގުރާމަ ނިމިފައިވާކަން، އެގައުމުގެ ބާރު އަލުން އަނބުރާ އަތުލާފައިވާ ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އިއުލާންކޮށްފިއެވެ.

ތާލިބާން ޖަމާއަތުގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ނައީމް އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށާއި ހުރިހާ ފަރާތްތަކާ އެކު ސުލްހަ ގާއިމުކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި އަފްގާންގެ ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށާއި އެ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ނައީމް ބުންޏެވެ.

މީގެއިތުރުން އަފްގާންގައި ދެން އުފެދޭނީ ކޮން ކަހަލަ ދައުލަތެއްކަން ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެއެވެ،

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނަށް އަރައިގަތީ ސެޕްޓެމްބަރު 11، 2001 ގައި އަލްގައިދާ ޖަމާއަތުން އެމެރިކާގެ ނިއު ޔޯކް އާއި ވޮޝިންޓަނަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އެގޮތުން އަފްގާނިސްތާނަށް އެމެރިކާ ސިފައިން އެރީ އަލްގައިދާ ޖަމާއަތުގެ ވެރިޔާ އުސާމާ ބިން ލާދިން އަށް ތާލިބާން ޖަމާއަތުން ހިމާޔަތްދީގެން އުޅޭ ކަމަށް ބުނެއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައި މާގިނަ ދުވަސްތަކެއް ނުވަނީސް އޭރު އެގައުމުގައި އޮތް ތާލިބާނުންގެ ވެރިކަން ވައްޓާލިއިރު ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ރައްކާތެރިކަން ހޯދަން ފަރުބަދަމަތީ ސަރަހައްދުތަކަށް ވަދެ ފިލާފައެވެ.

އަދި 20 އަހަރުވީއިރު ވެސް އެމެރިކާ ސިފައިންނަށް ތާލިބާނުން ބަލިކުރެވިފައި ނުވާއިރު، މި މަހުގެ ނިޔަލަށް އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވާފައިވާ ނިންމެވުން ދެމެހެއްޓުމުން އެގައުމުގައި ތިބި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ވަނީ ފައިބައިފައެވެ.

އެމެރިކާ ސިފައިން ފޭބުމާއެކު ތާލިބާން ޖަމާއަތުން ވަނީ ހަލުވި ސްޕީޑެއްގައި އެގައުމުގެ އެކި ޕްރޮވިންސްތަކުގެ ބާރު ހޯދައި އަދި އެންމެފަހުން އިއްޔެ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ބާރުވެސް ވަނީ އަތުލާފައެވެ. ކާބުލްގެ ބާރު ތާލިބާނުން ހޯދުމާއެކު އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. އަދި އަފްގާންގެ ސަލާމަތީ ބާރުތަކުން ވެސް ވަނީ ތާލިބާނުންނަށް އަމާންދީފައެވެ.