Last Updated: April 23, 13:19
Tuesday, April 23, 2024
ދުނިޔެ

އެމެރިކާ ސިފައިން އަފްގާނިސްތާނަށް ދިޔަ މަގުސަދު ހާސިލުވި

އެމެރިކާ ސިފައިން މީގެ 20 އަހަރު ކުރިން އަފްގާނިސްތާނަށް ދިޔަ މަގުސަދު ހާސިލުވެފައިވާ ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ އަފްގާނިސްތާނުން އެމެރިކާ ސިފައިން ފޭބުމާއެކު އެގައުމުގެ ބާރު ތާލިބާން ހަނގުރާމަވެރި ޖަމާއަތުން އަލުން ހޯދާފައިވާ ދަނޑިވަޅެއްގައެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ގެންނަން ނަގާފައިވަނީ ގާތްގަނޑަކަށް 10 ދުވަހެވެ.

ރޭ ގައުމާ މުހާތަބު ކުރައްވަމުން ބައިޑެން ވިދާޅުވީ މީގެ 20 އަހަރު ކުރިން އެމެރިކާ ސިފައިން އަފްގާނިސްތާނަށް ދިޔައީ 2001، ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާ އަށް ހަމަލާދިން މީހުން ހޯދުމާއި އަދި އަލްގައިދާ އަށް އަފްގާނިސްތާނުގައި ގާއިމުވެގެން ތިބެ އެމެރިކާ އަށް އިތުރު ހަމަލާތަކެއް ނުދެވޭނެކަން ކަށަވަރު ކުރުމުގެ އަމާޒާއެކު ކަމަށެވެ.

އެގޮތުން އެ އަމާޒުތަކަށް ވާސިލުވެވުނު ކަމަށާއި އަދި އަލްގައިދާގެ ބާރު އަފްގާނިސްތާނުގައި ދަށްކުރެވި، އެ ޖަމާއަތުގެ ލީޑަރު އުސާމާ ބިން ލާދިން ހޯދުމަށް ހުއްޓާނުލާ ކުރި މަސައްކަތުން އޭނާ ވެސް އަތުލައިގަނެވުނުކަން ބައިޑެން ފާހަގަކުރެއްވިއެވެ.

އަދި އެމެރިކާ އިން އަފްގާނިސްތާނަށް ދިޔައީ އެއްވެސް ހާލެއްގައި ގައުމެއް ބިނާކޮށް، ޑިމޮކްރެސީ އާލާކުރަން ނޫން ކަމަށާއި އެމެރިކާގެ އަބަދުގެ ވެސް އަމާޒަކީ ޓެރަރިސްޓު ހަމަލާތަކުން ގައުމު ސަލާމަތް ކުރުން ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

މީގެއިތުރުން ބައިޑެން ވަނީ އަފްގާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ނިންމި ނިންމުން ވެސް ދިފާއުކުރައްވާފައެވެ. އަދި ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާން ގެންދިޔައީ ހީކުރިވަރަށް ވުރެ މާ އަވަހަށް ކަމަށާއި އެކަން އެގޮތަށް ވީތީ ބައިޑެން ވަނީ އެގައުމުގެ ސިޔާސީ ފަރާތްތަކާއި ސަލާމަތީ ބާރުތަކަށް ފާޑު ވިދާޅުވެފައެވެ.

"އަފްގާނިސްތާނުގެ ސިޔާސީ ލީޑަރުން އަމާންދީ، ގައުމު ދޫކޮށް ފިލައިފި. އެގައުމުގެ އަސްކަރިއްޔާ ބިމާ ހަމަވެއްޖެ، ބައެއް ފަހަރު ކުރިމަލުމަކަށް ވެސް ނުދަނީސް. ފާއިތުވި ހަފްތާގައި ހިނގާދިޔަ ކަންތައްތަކުން އަފްގާނިސްތާނުގައި އެމެރިކާ ސިފައިންގެ ބައިވެރިވުން ނިމުމަކަށް ގެނައުމަކީ ރަނގަޅު ނިންމުމެއްކަން އެނގިގެންދޭ" ބައިޑެން ވިދާޅުވިއެވެ.

އަދި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރަން ބޭނުން ނުވާއިރު، އެމެރިކާ ސިފައިން ހަނގުރާމައެއްގައި ބައިވެރިވެ މަރުވުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. އަދި ތާލިބާނުންގެ އަތުގައި ނެތް އެތައް ވަސީލަތެއް އަފްގާނިސްތާނުގެ އަސްކަރިއްޔާ އަށް ފޯރުކޮށްދިން ކަމަށާއި އެމެރިކާ އަށް އަފްގާނިސްތާނުގެ އަސްކަރިއްޔާއަށް ހަމައެކަނި ފޯރުކޮށްނުދެވުނީ ކަންކުރުމުގެ ހިތްވަރު ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.