Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

ބީއެމްއެލް އެހީގައި ގެމަނަފުށީގައި ބީޓެކް ކްލާސްރޫމެއް

ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ގެމަނަފުށީ ސްކޫލުގައި ބީޓެކް ކްލާސްރޫމެއް ގާއިމްކޮށްފިއެވެ.

މި ކްލާސްރޫމު ފަރުމާ ކޮށްފައިވަނީ ދަރިވަރުންނަށް ހޮސްޕިޓަރލިޓީ ސިނާޔަތުގެ މަސައްކަތްތައް ދަސްކުރުމުގައި އަމަލީ ތަޖުރިބާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. ބީއެމްއެލްގެ ކޮމިއުނިޓީގެ ފަންޑުގެ އެހީ އާއެކު މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބީޓެކް ކިޔަވާ ދަރިވަރުންނަށް ހިދުމަތް ދިނުމުގެ ދާއިރާގެ މަސައްކަތްތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމަށްޓަކައި ނަކަލު ކްލާސްރޫމެއް ވަނީ ތަރައްގީ ކުރެވިފައެވެ. މި ކްލާސްރޫމުގެ އެހީގައި ހޮސްޕިޓަރލިޓީ ދާއިރާގައި މަސައްކަތައް ނުކުންނަ ދަރިވަރުންނަށް ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއި، އެނދު އަޅާނެ ގޮތް ދަސްކުރުމާއި، ކެއްކުމުގެ އަސާސީ ހުނަރު ދަސްކުރުމުގެ އިތުރުން މި ގާއިމްކޮށްފައިވާ ސެޓަޕް ބަލަހައްޓާ ސާފުކޮށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނެއެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރި ދިވެހި މަސްވެރިންގެ ޖަމިިއްޔާގެ ރައީސް އަހުމަދު ޝާފިއު ބުނީ މި ދާއިރާގެ މަސައްކަތައް ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި ނަމަވެސް ރިސޯޓު ތަކުންނާއި ގެސްޓްހައުސްތަކުން މި ފުރުސަތު ހޯދުމަކީ ދަތިކަމެއް ކަމަށެވެ.

"މިހާރު މި ކްލާސްތައް ހިންގަމުންދަނީ މަހަކު އެއްފަހަރު. އަދި ދަރިވަރުން މި މަސައްކަތްތައް ދަސްކުރުމަށް ބޭނުންވާ ތަކެތި ހޯދަނީ އަމިއްލަޔަށްވެސްމެ. އެހެންކަމުން މި ޕްރޮޖެކްޓް ގެ އަމާޒަކަށްވީ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކުރުމަށް ކްލާސްރޫމެއް ބިނާކޮށް މަސައްކަތް ތަޖުރިބާ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ ހުނަރު އިތުރުކުރުމާއި އެހީތެރިވުން." ޝާފިއު ބުންޏެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.