Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

ލީކުވި އޯޑިއޯގެ މައްސަލަ އިދިކޮޅުން ފުލުހުންނާއި ޕީޖީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަލަ ތަހުގީގުކޮށްދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށަހަޅައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕީޖީ ހުސެއިން ޝަމީމަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކުރެވިފައިވާ ޙުކުމަކީ އެ މައްސަލައިގައި ޙުކުމް ކުރި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ޙަރާމް ޙުކުމެއްކަމުގައި އެކޯލިޝަނާއި ރައްޔިތުން ފެށުނީއްސުރެ ބުނަމުންދާ ކަމަށެވެ.

އަދި އެގޮތަށް ދިވެހި ރައްޔިތުންނާއި އެ ކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުންވެސް މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން ޔާމީންގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން، ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ.

"މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ދެކޭތީ، އެކަން އަވަސްކޮށްދެއްވުމަށް ވެސް ދެންނެވީމެވެ" އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ޕީޖީ އާއި އަދި ޕޮލިސް ކޮމިޝަނަރާއި މަޝްވަރާކޮށް އިތުރަށް ޙިއްސާކުރަން ޖެހޭ މަޢުލޫމާތު ހުރުމާއެކު، އެ ކޯލިޝަންގެ ލީޑަރޝިޕާއި ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓެއް ވީ އަވަހަކަށް ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފައެވެ.