Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

ރާއްޖޭގެ ނަން މިހާރު ވިދަމުންދަނީ އެންމެ އުހުގައި: ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމަށާއި ރާއްޖޭގެ ނަން ވިދަމުންދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށް އ.ދ ގެ މި ދައުރުގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އ.ދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރުމަށްފަހު އެ މަޖިލީހުގެ ކުރިމަތީގައި ހުއްޓި ވަޑައިގެންނެވީ އާއްމު މަޖިލީހުގެ މެމްބަރު ގައުމުތަކުން ދެއްވި އިތުބާރާއި، ހަވާލު ކުރެއްވި ޒިންމާއާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިޙްސާސް ކުރަމުން ކަމަށެވެ.

އަދި މި ފެންނަމުން ދަނީ ރައީސް ޞާލިޙުގެ ޒަޢާމަތުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ހޯދަމުންދާ މަތިވެރި މަޤާމު ކަމަށާއި ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު ރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން ދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދިވެހި ގައުމުގެ ފަހުރުވެރި އަބުތޯލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މި ދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި" ޝާހިދު ވިދާޅުވިއެވެ.

އ.ދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވިއިރު މިއީ ދިވެއްސަކު މި މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް ހުޅުވޭނީ މިއަދު ކަމަށްވާއިރު، އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހޮނިހިރު ދުވަހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެ އެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިިގެންނެވީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.