Last Updated: April 18, 09:37
Thursday, April 18, 2024
ޚަބަރު

ޔާމީން ވެރިކަމަށް އަތުވެދާނެތީ އެމްޑީޕީން ކަންބޮޑުވޭ: ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު - ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން އަނބުރާ ވެރިކަމަށް ވަޑައިގެންފާނެތީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ސައީދު ވިދާޅުވީ ޔާމީނަށް އަމާޒުކޮށް ކަންކަން ކުރަމުންދަނީ އެމަނިކުފާނު ދެކެ ސިޔާސީ ގޮތުން ބިރު ގަންނާތީ ކަމަށާއި އެގޮތުން ޔާމީން އެނބުރި ވެރިކަމަށް ވަޑައިގެންފާނެތީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމަށެވެ.

އަދި އެމްޑީޕީގެ އިތުރުން މި ސަރުކާރަށް ވާގިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް ޔާމީނަށް ގޯނާކޮށް، އަނިޔާދޭން ބޭނުންވާ ކަމަށާއި އެގޮތުން ޔާމީންގެ ވެރިކަން ނިމުމާއެކު އެމަނިކުފާނު ފުލުހަށް ގެންދަން ފެށި ކަަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިމަތިވެފައި އޮއްވާ ޔާމީން ޖަލަށް ގެންދެވި ކަމަށާއި އެއީ ކަނޑައެޅިގެން އިންތިހާބުން ޕީޕީއެމް ބަލިކުރުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް ހަޔެއްކަށް ގޮނޑި އޮތް ސަބަބަކީ އެއީ. އަޅުގަނޑުމެންގެ މަޖިލިސް ފަންޑު އެއްކޮށް ފްރީޒްކޮށްލީ. ރައީސް ޔާމީނަށް ޕާޓީގެ އެއްވެސް ބޭފުޅަކާ ވާހަކަ ނުދެއްކޭ ގޮތަށް ލޮކްކޮށްލީ، ޖަލަށްލީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން އެ އިންތިހާބުގައި 65 ގޮނޑި ހޯދީ އިދިކޮޅު ފަރާތްތަކުގެ އަތާއި ފައި ބަނދެފައި ބެހެއްޓުމަށްފަހު ކަމަށެވެ. އަދި ގައުމު ދޫކޮށް ވަޑައިގަންނަވަން ޔާމީނަށް ވަރަށް ބޮޑަށް ސަރުކާރުން ވިސްނައިދޭން އުޅުނު ކަމަށާއި ނަމަވެސް ޔާމީން އެގޮތް ގަބޫލުފުޅު ނުކުރެއްވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރު ގެނައި ފަރާތްތަކުގެ އޮތީ އެންމެ ބޭނުމެއް ކަމަށާއި ސިޔާސީ މައިދާނުން ޔާމީން ނައްތާލުން ކަމަށާއި ގައުމު ދަނީ ފަހަތަށް ކަމަށްވެސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.