Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އެމްޑީޕީ އިންތިހާބު: ބައެއް މަރުކަޒުތަކުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ބައެއް މަރުކަޒުތަކުގެ ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ ދިމާވި އެކިއެކި ސަބަބާ ހުރެ، ވޯޓު ނެގުން، މެންދުރު 12:00 ގެ ފަހުން ފެށުނު ތަންތަނުގެ ވޯޓު ލުން ނިމޭނީ 18:00 ގައި ކަމަށެވެ.

އެގޮތުން މި މަރުކަޒުތަކުގައި، ހަވީރު 17:00 ގައި، ކިޔޫގައި މީހަކު ނެތަސް، ބަންދުނުކޮށް 18:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މި މަރުކަޒުތަކުގައި، 18:00 ވާއިރު، ކިޔޫގައި މީހުން ތިބިނަމަ، އެ މީހުން ވޯޓުލައި ނިމެންދެން ކުރިއަށް ދާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތުދެ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާނުލާ ހޮވިފައެވެ.

ޖުމުލަ 733 ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތެރެއިން ތާއީދު ބޮޑީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ނެގޭ ވޯޓަކަށް ވެގެންދާނެކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.