Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ވޯޓުލުމުގެ އިންތިޒާމުތައް ހުރީ ރަނގަޅަށް: ހަސަން

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމުތައް ހުރީ ރަނގަޅަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވެފައިމިވަނީ މި އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށް މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ވޯޓު ފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއް ކަމަށާއި އެ އޮފިޝަލު އެކަނި މާއެކަނި ވޯޓްލާން ދާން މީހުންގެ ލިސްޓް ޗެކްކޮށް އެހެން މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. އަދި ބައެއް ވޯޓު ފޮށިތަކުގައި ނަންބަރު ނެތް މައްސަލަ ވެސް ފާހަގަވެފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހަސަން ވިދާޅުވީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމުތަކާއި އެކު އޮމާން ކަމާއި އެކު ކަމަށެވެ.

"ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމު ތަކާއިއެކު، އޮމާންކަމާއި އެކު. އެތައް ހާސް ބަޔަކު އެދަނީ މި ހަރަކާތުގައި މުޅި ރާއްޖެއިން ބައިވެރިވަމުން" ހަސަން ވިދާޅުވި އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.