Last Updated: April 19, 10:24
Friday, April 19, 2024
ޚަބަރު

އެމްޑީޕީ އިންތިހާބު: މަހުލޫފް، ފައްޔާޒު އަދި އަމީރު ހޮވިއްޖެ

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ޔޫތު މިނިސްޓަރު އަހްމަދު މަހްލީފާއި އިކްނޮޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭސްމިނިސްޓަރ އިބްރާހިމް އަމީރު އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީގެ އިންތިހާބުގައި މަހްލޫފު ވާދަ ކުރެއްވީ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުގައި ހުންނެވި ކަމަށް ބެލެވޭ މަހްލޫފު ވާދަ ކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހުންނެވި އަލީ ޝާހީން އާއެވެ. ޝާހީންގެ މައްޗަށް މަހްލޫފު ކުރި ހޯއްދެއްވީ ބޮޑު ތަފާތަކުންނެވެ.

ސަރުކާރުގެ ނުފޫޒުގަދަ މިނިސްޓަރެއް ކަމަށް ބެލެވޭ މިނިސްޓަރު ފައްޔާޒު ވާދަކުރެއްވީ ގަމު ދާއިރާގެ ރައީސްގެ މަގާމަށެވެ. ލ.ގަމާއި މުންޑޫ ހިމެނޭ އެ ދާއިރާގެ އިންތިހާބު ފައްޔާޒުވެސް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރުވެސް މަހްލޫފާއި ފައްޔާޒު އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރެއްގެ ހައިސިއްޔަތުން ތިއްބަވަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިންތިހާބު ކާމިޔާބު ކުރެއްވީ މެދު ދެކުނު ޕްރޮވިސްގެ ރައީސް ކަމަށް ވާދަކުރެއްވައިގެން ބޮޑު ތަފާތަކުންނެވެ.

މިހާރުވެސް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންގެ ހަސިއްޔަތުން އެ ތިން ބޭފުޅުންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވަ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.