Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މާލޭގެ ވިންދު ރަނގަޅަށް ސާފުވެއްޖެ: ޝިފާ

މާލޭގެ ވިންދު ރަނގަޅަށް ސާފުވެފައިވާ ކަމަށް އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަން ކާމިޔާބު ކުރެއްވި ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މި އިންތިހާބު ޝިފާ ކާމިޔާބު ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ވާދަކޮށެވެ. އަކްރަމް އަކީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން މިހާތަނަށް ފުރުއްވަމުން ގެންދެވި ފަރާތެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޝިފާ އުޅުއްވަނީ އަކްރަމަށް ވުރެ ބޮޑުތަނުން ކުރީގައެވެ. އަކްރަމް ވަނީ މިހާރު ބަލި ގަބޫލުވެސް ކުރައްވާފައެވެ.

އިންތިހާބުން ލިބުނު ކާމިޔާބީއާއެކު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ދެއްވި ތާއީދާއި އިތުބާރަށް ޝުކުރު އަދާކުރާ ކަމަށާއި މާލޭގެ ވިންދު ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ.

"އަޅުގަނޑު މިހުރީ ބާރަށް ކުރިއަށްދާން" މާލޭގެ ކުރީގެ މޭޔަރު ޝިފާ ވިދާޅުވިއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.