Last Updated: April 18, 17:55
Thursday, April 18, 2024
ޚަބަރު

އިންތިހާބުގައި މެޖޯރިޓީ ރައްޔިތުން ބޭނުންވީ ރިޔާސީ ނިޒާމު އޮތުމަށް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ރައްޔިތުން ބޭނުންވީ ރިޔާސީ ނިޒާމު އޮތުމަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޝަރީފް ވިދާޅުވީ އެ އިންތިހާބުން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ފާއިތުވި 12 އަހަރުތެރޭ އައިސްފައި ނުވާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން މެޖޯރިޓީ ރައްޔިތުން އަދިވެސް ބޭނުންވަނީ ބަރުލަމާނީ ނިޒާމަކަށް ވުރެ ބޮޑަށް ރިޔާސީ ނިޒާމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވިއިރު އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އިންތިހާބުކުރި 96 ގޮނޑީގެ ތެރެއިން ބަރުލަމާނީއަށް ތާއީދުކުރާ 53 ބޭފުޅުން އިންތިހާބު ވެފައިވާ ކަމަށެވެ.

މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ ކެންޑިޑޭޓުން އެމްޑީޕީ ގައުމީ މަޖިލީހަށް އިންތިހާބުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ ބާރުގަދަ ގުނަންކަމަށްވާއިރު ގައުމީ މަޖިލިސް އެކުލެވިގެންވަނީ ޕާޓީގެ ޗެއާޕާސަން، އެމްޑިޕީ ވެރިކަމުގައި އޮންނައިރު ރައިސުލްޖުމްހޫރިއްޔާއާއި ރައީސްގެ ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން، ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން، ޕްރޮވިންސްތަކުގެ ސެކްޓޭރިއަޓްގެ ރައީސުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބުއިދާރި އާއި ޗެއާޕާސަންގެ ނައިބު މާލީ، އަންހެނުންގެ ރޫހުގެ ރައީސް، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައިސްގެ މައްޗަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބު ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އެކަމަށް ރައްދު ދެމުންނެވެ.