Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަސާސީ ގަވާއިދާ ހިލާފެއް ނުވަން، ފަތުރަނީ ދޮގު ވާހަކަތަކެއް

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރި ވާހަކަތައް ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު ނަހުލާ އަލީ ދޮގުކުރައްވައިފިއެވެ.

ނަހުލާ މިހެން ވިދާޅުވި ނަމަވެސް ޕީޕީއެމުން ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އޭނާ އަމަލުކުރެއްވުމާ ގުޅިގެން ނަހުލާ ސަސްޕެންޑުކޮށްފައިވާ ކަމަށް މިއަދު ބުނެފައެވެ. އެގޮތުން އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ނަހުލާ ސަސްޕެންޑްކޮށްފައިވަނީ 2024 ގެ ނިޔަލަށް ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

އެ ވާހަކަތަކާ ގުޅިގެން ފޭސްބުކްގައި ނަހުލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑެޕިއުޓީ މޭޔަރު ނެގުމުގައި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެގެން ކަމަށް ބުނެ ޕީޕީއެމް އިން އޭނާއާ ދޭތެރޭ ފިޔަވަޅު އަޅާ ސަސްޕެންޑު ކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ވާހަކަތަކާ ގުޅިގެން މައުލޫމާތު ސާފުކުރެއްވި ކަމަށާއި، އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް އަދުރޭ ވިދާޅުވި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

މީގެއިތުރުން ނަހުލާ ވަނީ ސުލޫކީ މައްސަލައަކަށް ވަނީ ކޮން ކަހަލަ ކަންތައްތަކެއް ކަމާއި އެޅޭނީ ކޮން ކަހަލަ ފިޔަވަޅުތަކެއް ކަން ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައި ވާނެކަމަށް ކަމަށްވެސް ވިދާޅުވެފައެވެ.

"ތިން އަހަރު ދުވަހަށް ޕާޓީގެ މެމްބަރަކު ސަސްޕެންޑު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން އަދި އެންމެ ގިނަވެގެން ވެސް މީހަކު ސަސްޕެންޑު ކުރެވޭނީ ހަ މަސް ދުވަހަށް ކަން އަސާސީ ގަވާއިދުން ސާފުވާނެ އެވެ،" ނަހުލާ ވިދާޅުވި އެވެ.

މީގެއިތުރުން އިންތިހާބުތަކުގައި ބައިވެރިވުމަކީ ޕާޓީގެ މެމްބަރަކަށް ލިބިދޭ އަސާސީ ހައްގެއްކަން ޕީޕީއެމްގެ އަސާސީ ގަވާއިދުން ސާފުވާނެ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައި ނޯންނާނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.