Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ސަރުކާރާ އެކު ސާބިތުކަމާއެކު އެމްއާރްއެމް ދެމި އޮންނާނެ: ފާރިސް

މިހާރުގެ ސަރުކާރާއެކު ސާބިތުކަމާ އެކު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ އެމްއާރްއެމްގެ ފުރަތަމަ "ނެޝަނަލް ކޮންވެންޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފާރިސް ވިދާޅުވީ އެ ޕާޓީއަކީ މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރެއް ކަމަށާއި އެ ކޯލިޝަން އުފެދިފައިވަނީ ގިނަ ޕާޓީތަކެއް ގުޅިގެން ގައުމުގެ ހެވާ ލާބައަށްޓަކައި މަސައްކަތް ކުރުމަށް ކަމަށެވެ.

"އެހެން ކަމުން އެމްއާރްއެމް އިން މި މަސައްކަތުގައި ސާބިތު ކަމާއެކު ދެމި ތިބޭނަން" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި ސިޔާސީ މައިދާނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މައިދާނެއް ކަމަށާއި އަދި ސިޔާސީ މަސައްކަތަކީ އުސޫލުތައް ހިފަހައްޓާ މީހަަކަށް ކުރަން އުނދަގޫ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި ގިނަ ބަޔަކު ސިޔާސީ މައިދާނާއި މެދު ހިތްހަމަނުޖެހެނީ ވެސް އެ ސަބަބާއި ހުރެ ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު ވެސް ކުރެވިދާނެ މަސައްކަތެއްކަން ސާބިތުކޮށްދޭން އެމްއާރްއެމްއިން ބޭނުންވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

އެގޮތުން އެމްއާރްއެމްގެ އޮނިގަނޑު ވެސް ރޭވިފައިވަނީ މި ކަންކަން ހާސިލުވާނެ ގޮތަށް ކަމަށާއި ޕާޓީގެ ކަންކަން ނިންމާނީ ދެފުށް ފެންނަ ގޮތަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

މިއަދު ބޭއްވި އެމްއާރްއެމްގެ ނޭޝަނަލް ކޮންވެންޝަންގައި ވަނީ އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ޒައީމު ކަމަށް އިންތިހާބު ކުރައްވާފައިވަނީ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ.