Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

އެމްއެންޕީގެ ރައީސްކަން އޮޓޯއިން ނާޒިމަށް

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ މަސްއޫލުވެރިން - ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްކަމުގެ މަގާމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އޮޓޯއިން ހޮވިއްޖެއެވެ.

ހުކުރު ދުވަހު އޮންނަ އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާގައި އިންތިހާބު ކުރަންޖެހޭ އެ ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެމްއެންޕީގެ ވަގުތީ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް އިންތިހާބުކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ޕާޓީގެ ރައީސްގެ މަގާމާއި ނާއިބު ރައީސުންގެ މަގާމަށް ހަ ބޭފުޅަކު އަންހެނުންގެ ވިންގުގެ ލީޑަރު އަދި ޒުވާނުންގެ ވިންގުގެ ލީޑަރުގެ އިތުރުން ކައުންސިލަށް 21 މެންބަރުންނެވެ. ނާއިބު ރައީސުންގެ އެއް މަގާމު ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ކައުންސިލްގެ ހަތް ގޮޑިވެސް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

އެގޮތުން މި މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވިއިރު އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ނާޒިމް އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލާ އޭނާއަށް އެ މަގާމު މިހާރު ވަނީ ލިބިފައެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. އެ ޖަލްސާގައި ޕާޓީގެ ލޯގޯ އާއި ދިދަ އަދި ކުލަ ފާސްކުރުން އޮންނާނެއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުން އޮންނާނެއެވެ.