Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން އ.ދ އަށް ވަޑައިނުގެންނެވީ ހައްޖަށް ދިޔުމަށް: މުންދު

މުހައްމަދު ހުސެއިން ޝަރީފް(މުންދު): ފޮޓޯ - މިހާރު ނިއުސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އ.ދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ވަޑައިނުގެންނެވީ ހައްޖަށް ދިޔުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އދ. ގައި ތަގުރީރު ކުރައްވާފައި ވަނީ މުޅިން ވެސް ޔާމީން ކަނޑައެޅުއްވެވި މަންދޫބެން ނެވެ. އދ. ގައި ޔާމީން ތަގުރީރު ކުރައްވާފައި ނުވާތީ އެމަނިކުފާނުގެ ވާދަވެރިން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރެއެވެ.

ރޭ "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މުންދު ވިދާޅުވީ އެމްޑީޕީގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ލިޔާ އެއްޗެހި ތަކުން އ.ދ ގައި ވާހަކަދެއްކުމަކީ ވަކި ބަޔަކަށް އޮންނަ އިހުތިޔާރެއް ގޮތަށް ހީވާ ކަމަށާއި ނަމަވެސް އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށެވެ.

އެގޮތުން އ.ދ ގެ އާންމު މަޖިލީހުގައި ކޮންމެ އަހަރަކު ވެސް އެގައުމެއްގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅާ ބޭފުޅަކަށް ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް ޔާމީން އ.ދ އަށް ވަޑައިނުގެންނެވީ ހައްޖަށް ދިޔުމަށް ކަމަށް މުންދު ވިދާޅުވި އެވެ.

"އ.ދ ގެ މަޖިލީހުގައި ވާހަކަދެއްކުމުގެ އިހުތިޔާރު އޮންނާނެ އ.ދ ގެ ކޮންމެ މެމްބަރު ގައުމެއްގެ ވެރިޔަކަށް ވެސް. ރައީސް ޔާމީން އެ އިހުތިޔާރުގެ ބޭނުން ނުކުރެއްވީ ހައްޖަށް ވަޑައިގަންނަވަން ވެގެން" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ކުރިއާއި ހިލާފަށް މިއަދު ރާއްޖެ އަށް ބޭނުންވަނީ ބޮޑެތި މަޝްރޫއުތަކާއި، ރާއްޖެ ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ކަމަށާއި ނަމަވެސް އެ ކަންތައްތަކަކީ އ.ދ އަށް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އ.ދ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރެއްވުމުން ރާއްޖެ އެމެރިކާއާ އެއްވަރުގެ ގައުމަކަށް ވާނެ ކަމަށް އެމްޑީޕީ މީހުންނަށް ހީވާނަމަ އެއީ ކުށްހީއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.