Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޔާމީނަށް ކަފާލާތު މިވަގުތު މުހިއްމެއް ނޫން: ޖަމީލު

ޑރ. ޖަމީލް، ފޮޓޯ: މިހާރު

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަފާލާތު މިވަގުތު މުހިއްމެއް ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފްގެ ޝަރީއަތުގައި ވަނީ އެދިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އެ މައްސަލާގައި ނިންމީ ޔާމީނަށް ކަފާލާތު ނުދޭން ނިންމާފައެވެ.

މިއަދު ބޭއްވި އަޑުއެހުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޖަމީލު ވިދާޅުވީ ރާއްޖޭގެ ޝަރުއީ މަރުހަލާގެ ތެރޭގައި ކަފާލާތުގެ ހައްގު އޮންނަ ގޮތް ކަށަވަރުވާން ބޭނުންވާ ކަމަށާއި ހާއްސަކޮށް އިސްތިއުނާފީ މަރުހަލާގައި އެކަން އޮންނަ ގޮތް ކަށަވަރުވާން ބޭނުންވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުގެ މުވައްކިލަކަށް މިވަގުތު ކަފާލާތު މުހިއްމެއް ނޫން" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ޔާމީން ޖަލު ހުކުމުގެ ދެ އަހަރެއްހާ ދުވަސް ހޭދަކުރައްވާފައިވާ ކަމަށާއި އެހެންކަމުން ކަފާލާތުގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށެވެ. އަދި ކަފާލާތަށް ހައިކޯޓުގެ މަރުހަލާގައި އެދުނީ އެކަމަށް މުހިއްމު ވެގެން ކަމަށާއި ނަމަވެސް ހައިކޯޓުން އޭރު ކަފާލާތު ނުދިނީ މައްސަލަ އަވަހަށް ނިންމައިދޭނެ ކަމަށް ބުނެ ކަމަށްވީ ނަމަވެސް ހައިކޯޓުގައި މައްސަލަ ނިމުނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކަފާލާތާއި ގުޅިގެން ނިންމި ނިންމުމަށް އެއްޗެެއް ވިދާޅުވާން ބޭނުން ނުވާ ކަމަށާއި ނަމަވެސް މިއަދު ވެސް އެއީ ޔާމީނަށް ދެވެންޖެހޭ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ. އަދި ވަކި ގާނޫނެއް ނެތުމަކީ ކަފާލާތުގެ ހައްގު ނުދެވޭނެ ސަބަބެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.