Last Updated: March 29, 06:02
Friday, March 29, 2024
ޚަބަރު

އެމްއާރްއެމްގައި ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު ނެތް

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން - ފޮޓޯ: މިހާރު

ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގައި ނެތް ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއާރްއެމްގެ ފުރަތަމަ ކޮންގްރެސް ދާދިފަހުން ބާއްވާފައިވާއިރު އެ ޕާޓީގެ ޒައީމަކަށް އިންތިހާބުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ޕާޓީގެ ރައީސް ކަމަށް މައުމޫންގެ ދަރިކަލުން ފާރިސް އިންތިހާބުވިއިރު، އެ ދެ ބޭފުޅުން ވެސް މަގާމުތަކަށް އިންތިހާބުވީ އިންތިހާބަކާ ނުލައެވެ. ޕާޓީގެ އިސް މަގާމުތަކުގައި މައުމޫންގެ އިތުރު ބޭފުޅަކު ހިމެނިފައެއް ނުވެއެވެ.

މިއަދު އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ ޕާޓީގެ ލީޑަޝިޕުން އެއް އާއިލާއެއްގެ ބަޔަކު ފެންނަން އެބަތިބި ކަމަށާއި ނަމަވެސް މައުމޫން މިވަގުތު ހުންނެވި މަގާމަކީ ސީދާ ޕާޓީ ހިންގެވުމާ ގުޅޭ މަގާމެއް ނޫން ކަމަށެވެ. އެގޮތުން ޕާޓީ ހިންގުމުގެ މަގާމާ ހަވާލުވެ ހުންނެވީ އޭނާ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމަލުން އަބަދުވެސް ދައްކާނަން އަޅުގަނޑުމެންނަކީ ކޮން ބައެއްކަން، ކިހިނެތް އުސޫލުތައް ހުންނަ ބައެއްކަން. އަޅުގަނޑުމެންގެ ތެރޭގައި ވަކި އާއިލާ އަކަށް ނިސްބަތްވާ ގިނަ ބަޔަކު މިވަގުތަކު ވެސް ނެތް" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ޕާޓީގެ ލީޑަޝިޕަކީ ވަކި އާއިލާއަކަށް، ވަކި ރަށަކަށް ނުވަތަ ގިންތިއަކަށް ނިސްބަތްވާ ބަޔަކު ތިބެންޖެހޭ ތަނެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަޝިޕްގައި ކުރީގެ ރައީސް މައުމޫން ހުންނެވުމަކީ ލިބޭ އުފަލެއް ކަމަށާއި އެގޮތުން ރައްޔިތުންގެ ތެރެއިން އަދިވެސް ގިނަ ބަޔަކު އެމަނިކުފާނަށް ތާއީދުކުރައްވާ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.