Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ޝާހިދަކީ މިނިވަންކަން ނަގާލަން އިންޑިއާ އިން ބޭނުންކުރާ ހަތިޔާރެއް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ޕީޕީއެމް

އ.ދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ރާއްޖޭގެ މިނިވަންކަން ނަގާލަން އިންޑިއާ އިން ބޭނުންކުރާ ހަތިޔާރެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ޝާހިދު ބޭނުންކުރަނީ ރާއްޖޭގައި ތަފާތު ދީންތައް ފަތުރަން ބޭނުންކުރާ އެޖެންޓެއްގެ ގޮތުގައި ކަމަށާއި ޝާހިދަކީ ރާއްޖޭގެ މިނިވަންކަން ވިއްކާލަން މަސައްކަތް ކުރާ ޣައްދާރެއް ކަމަށެވެ.

"މި ސަރުކާރުން ޝާހިދު ބޭނުންކުރަނީ ރާއްޖެ އަޅުވެތި ކުރުމަށް ބޭނުންކުރާ އެޖެންޓެއްގެ ގޮތުގައި. އެއީ އިންޑިއާ އިން ރާއްޖޭގެ ސުލްހަވެރިކަމާއި، އަމާންކަމާއި، ހަމަޖެހުމާއި، މިނިވަންކަން ނަގާލުމަށްޓަކާ ބޭނުންކުރާ ހަތިޔާރެއް ޝާހިދަކީ" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އ.ދ ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑީގައި ޝާހިދު މިއަދު އިންނެވީ އިންޑިއާ ނަގާ ބޭންދުމުން ކަމަށާއި އެއީ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި އިންޑިއާ އިން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އިންޑިއާ މީހުންނަކީ ޒަމާނުއްސުރެ ރާއްޖޭގެ މިނިވަންކަމަށް ދަހިވެތިވެފައި ތިބި ބައެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ވެސް އެކަމުގެ އަޑީގައި ތިބީ އިންޑިއާ މީހުން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"މަލާބާރުންް، ހޮޅިން، ޕިޗޯރީން މިހެން ގޮސް ތަފާތު ނަން ނަމުގައި. އެކަމަކު ބަޔަކީ އެއް ބައެއް. މިއަދު ވެސް ކުރަނީ އެ ކަންތައް. މިއަދަކު ނާންނާނެ ގުރާބުތަކުގައި ބޮޑު ހޮޅިން ވަދަގެެން ހަތިޔާރު ހިފައިގެން ރައްޔިތުންނާ ދިމާކުރާކަށް. މިއަދު އަންނަ ގޮތަށް އެ އަންނަނީ. އެއީ ވިސްނުމާ ކުޅެން، ފިކުރާ ކުޅެން" އަދުރޭ ވިދާޅުވި އެވެ.

މީގެއިތުރުން އަދުރޭ ވަނީ ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް ޝާހިދަށް އެރުވުމާ ގުޅިގެން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.