Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދުގެ ސިޔާސީ ހަނދު އޮއްސިއްޖެ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަނދު މިހާރު އޮއްސިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު ވިދާޅުވެއްޖެ އެވެ.

ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން މޫސަ ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުގެ ކުރިން ނަޝީދު އިސްލާމީ މަރުކަޒަށް ވަޑައިގެން މާތްﷲ އަށް ޝުކުރު ދަންނަވަން ދެ ރަކުއަތުގެ ނަމާދެއް ކުރައްވާނެ ކަމަށް ހީކުރެއްވި ކަމަށާއި ނަމަވެސް މަޖިލީހަށް ވަޑައިގެން ފެއްޓެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ޖެއްސުން ކުރަން ކަމަށެވެ.

މިއީ ނަޝީދުގެ ހިތުގައި އޮތް އުދާސްތައް ފިލުވާލުމުގެ ބޭނުމުގައި ކުރެއްވި ކަމެއް ކަމަށާއި އެގޮތުން ނަޝީދުގެ ފެކްޝަންގެ މެމްބަރުން ލައްވައި އޭނާ އަށް ވެސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަސްތައް އަމާޒުކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ރައީސް ނަޝީދުގެ ސިޔާސީ ހަނދު އޮއްސިއްޖެ މިހާރު، އެޔެއް ދެން ނާރާނެ. އެކަމުގެ ހެއްކަކީ އެމްޑީޕީގައި އެންމެފަހުން ބޭއްވިގެންދިޔަ އިންތިހާބުގައި ރައީސް ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭނުން ނުކުރެވޭ 23 ގޮނޑި ވެސް ހަމައަށް. ހުރިހާ އެއްޗެއް އެ އޮތީ ރައީސް ސޯލިހު ނަންގަވާފައި" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެކަމުގެ ރުޅި އޭނާ ފަދަ ބޭފުޅުންނަށް ބޭލުމުގެ މާނައެއް ނެތް ކަމަށާއި އެމްޑީޕީ މިހާރު އޮތީ ރިފޯމް ކުރަންޖެހޭ ހާލަތުގައި ކަމަށެވެ. އެގޮތުން އެމްޑީޕީ މިހާރު ކުރިއަށްދާ ގޮތަށް ދާނަމަ ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ ބޭނުމަކަށް ވާނީ އެމްޑީޕީ ފުނޑާލުން ކަމަށާއި ނަޝީދުގެ ވިސްނުންފުޅު ވެސް ހުންނަވާނީ އެގޮތަށް ކަމަށްވެސް މޫސަ ވިދާޅުވި އެވެ.