Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ފަނޑިޔާރުންގެ އޯޑިއޯ އެނަލަސިސް 10 ދުވަސްތެރޭ ނިންމަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ވާހަކައިގެ އޯޑިއޯ ލީކުވެފައި ވާތީ، އެ އޯޑިއޯތަކުގެ އެނެލަސިސް 10 ދުވަސްތެރޭ ހަދައި ނިމޭނެ ކަމަށް ފުލުހުންނާއި ހަވާލާދީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.

ފަޑިޔާރުންގެ އަޑުކަމަށް ބުނާ އޯޑިއޯ ތަކުގެ ތަހުޤީގު ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު ވަނީ ފުލުހުންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ބޭރުގެ ބައެއް ލައްވައި އޯޑިއޯ އެނަލިސިސް 10 ދުވަސްތެރޭ ހެދޭނެ ކަމަށް ފުލުހުން ލަފާކުރާ ކަމަށާއި 10 ދުވަސްފަހުން އަނެއްކާވެސް ފުލުހުންނާ ބައްދަލުކުރާނެ ކަމަށެވެ.

"ކޮންމެ ލަސްވުމަކީ ރައީސް ޔާމިނަށް ދެވޭ އަނިޔާއެއް. ވަރަށް ގާތުން އޯޑިއޯ ތަހުގީގު އަޅުގަނޑުމެން އެބަ ބަލަން" ޝުޖާއު ވިދާޅުވި އެވެ.

ލީކުވި އޯޑިއޯތަކުގައި ފަނޑިޔާރުން ވަނީ ޔާމީނަށް އިއްވި ހުކުމާއި މެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ދައްކަވާފައެވެ. ނަމަވެސް އެ ފަނޑިޔާރުން ވަނީ ލީކުވެފައިވަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެ އޯޑިއޯގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.