Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މީދޫ ފަނޑިޔާރު މިސްކިތް ތަރިކައިގެ ލިސްޓުގައި ހިމަނަން މަސައްކަތް ކުރަނީ

މީދޫ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ކައުންސިލުން ބުނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތް ސަޤާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން މީދޫ ފަނޑިޔާރު މިސްކިތް އެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ވެސް އެ މަރުކަޒުން ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ވަނީ އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއަރ އަށް ބޭނުންވާ މަޢުލޫމާތު 20 ދުވަހުގެ ތެރޭގައި އެއްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާންކޮށްފައެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހުށަހަޅާ އެސްޓިމޭޓް 21 އޮކްޓޯބަރ 2021 ގެ 10:00 އަށް މީދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008 ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން 2013 ވަނަ އަހަރު ރާއްޖޭގައި ހިރިގަލުން ހަދާފައި ހުރި މަޝްހޫރު ހަ މިސްކިތެއް، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ވަނީ ހިމަނާފައެވެ.

އެ ހަ މިސްކިތަކީ މާލޭ ހުކުރު މިސްކިތާއި އީދު މިސްކިތާއި ހއ. އިހަވަންދޫ އާސާރީ މިސްކިތާއި ރ. މީދޫ ބާ މިސްކިތާއި އދ. ފެންފުށީ އާސަރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ.