Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

100 ކިލޯގެ ޑްރަގްސް ހޯދީ ފަޅުރަށަކުން، ދެ މީހަކު ދޫކޮށްލައިފި

ފުލުހުން އަތުލައިގަނެފައިވާ 100 ކިލޯގެ މަސްތުވާތަކެތި--

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވާ ކަމަށާއި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެއް ހައްޔަރުކޮށްފަައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލާފައިވާއިރު އެ ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.