Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފި އެވެ.

ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ފިލްމީ ތަރި އަދި ޖޭޕީގެ މެމްބަރު، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވިދާޅުވީ ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ޖޭޕީގެ ތެރޭގައި މިދިޔަ އަހަރު ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތުން އެ ފިލްމު ހަދާނީ ސީދާ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ.

ގާސިމް ވަރުގެ ޝަހުސިއްޔަތަކާ ގުޅޭ ފިލްމެއް ދައުލަތުގެ އަރުޝީފުގައި އިނުމަކީ މަޖުބޫރު ކަމެއް ކަމަށާއި އެ ފިލްމު ހަދާނެ ކަމަށް އިއްސެ ވިދާޅުވި އެވެ.

"އާދައިގެ ގޮތަކަށް ނޫން ހަދާނީ ވެސް. ހަމަ އިންޓަނޭޝަނަލް ފެންވަރުގައި ހަދާނީ" އިއްސެ ވިދާޅުވި އެވެ.

އިއްސެ ވިދާޅުވީ ގާސިމަކީ ޅައިރުއްސުރެން ފެށިގެން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެގޮތުން މިއަދު ގާސިމް ހުންނެވި މަގާމުގައި ހުންނަވަނީ އޭރު ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި ގާސިމް ހުންނަވަނީ ތަބަކަކަށް ލާފައި ދިން މަގާމެއްގައި ނޫން ކަމަށްވެސް އިއްސެ ވިދާޅުވި އެވެ.

ގާސިމްގެ ހަޔާތްޕުޅާއި ގުޅޭގޮތުން ހެދުމަށް ނިންމާފައިވާ ފިލްމުގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އިއްސެ ވިދާޅުވި އެވެ.