Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މަހުމޫދު މަރާލި މީހުންނަށް ހަރުކަށި އަދަބު ދޭން އިދިކޮޅުން ގޮވާލައިފި

މަހުމޫދު އަބޫބަކުރު

އދ. ދަނގެތީގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު މަރާލުމުގައި ބައިވެރިވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަހުމޫދު އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށާއި، މި ޢަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ސްޕީޑު އަވަސްކުރަންޖެހޭ ކަމަށެވެ. އަދި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ދަނގެއްޗަށް މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމުން އެ ރަށުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ކުރުމަށްވެސް އިދިކޮޅުން ގޮވާލާފައިވެއެވެ.

މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް ޓެސްޓުތަކެއް ހެދުމަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ މިއަދު މިހާރުވަނީ އަނބުރާ ރަށަށް ގެންގޮސްފައެވެ. މަހުމޫދުގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު ވަނީ ބައްވާފާއެވެ.

ދަނގެތިން "އައްޑޫލައިވް" އާއި ވާހަކަދެއްކި މީހަކު ބުނީ މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.