Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އަފްގާންގެ މިސްކިތަކަށް އިތުރު ހަމަލާއެއް، 32 މަރު

އަފްގާނިސްތާނުގެ ކަންދަހާރް ސިޓީގައި ހުރި މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި 32 މީހުން މަރުވެއްޖެ އެވެ.

މިއަދުގެ ހަމަލާ އަމާޒުކޮށްފައިވާ ބީބީ ފާތިމާ މިސްކިތަކީ އެގައުމުގައި އުޅޭ ޝީއީ މުސްލިމުން ނަމާދުކުރުމަށް ގޮސް އުޅޭ މިސްކިތެކެވެ. މި ހަމަލާގައި 32 މީހުން މަރުވެފައިވާއިރު 40 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މި ހަމަލާދީފައިވަނީ ހުކުރު ނަމާދަށް މިސްކިތަށް މީހުން ޖަމާވެފައިވާ ވަގުތެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހުކުރު ނަމާދަށް އާންމުކޮށް މި މިސްކިތަށް 500 ވަރަކަށް މީހުން ޖަމާވެއެވެ. މިއީ ކަންދަހާރުގައި ހުރި ޝީއީ މުސްލިމުން ގޮސް އުޅޭ އެންމެ ބޮޑު މިސްކިތެވެ.

މި ހަމަލާ ދީފައިވަނީ ކިހިނެތްކަން އަދި އެނގިފައި ނުވާއިރު، ރިޕޯޓުތައް ބުނާގޮތުން ބޮޑަށް ތުހުމަތު ކުރެވެނީ މިއީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައި ނުވާއިރު އަފްގާނުގައި އުޅޭ ޝީއީ މުސްލިމުންނަށް އަމާޒުކޮށް މީގެކުރިން އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމި ސްޓޭޓް ހޮރަސާން (އައިއެސް-ކޭ) އިން ވަނީ ހަމަލާތަކެއް ދީފައެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު އަފްގާނިސްތާނުގެ ކުންދޫޒް ސިޓީގައި ޝީއީ މުސްލިމުން ނަމާދުކުރުމަށް ގޮސް އުޅޭ މިސްކިތަކަށް ވެސް ވަނީ ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި 50 މީހުން ވަނީ މަރުވެފައެވެ.