ރާއްޖޭގެ ރަށްތައް ނާމާންވީ ގިސާސް ހިފަން ވެރިން ފަސްޖެހުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އދ. ދަނގެތީގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެންނެވެ.
އުމަރުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައިވަނީ ގިސާސް ހިފުމަށް ވެރިން ފަސްޖެހުމާއި، މަސްތުވާ އެއްޗެހި ހުއްޓުވުމަށް ފަސްޖެހުމާ ގުޅިގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަން" ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.
އުމަރު މީގެކުރިން ވެސް ވަނީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މަހުމޫދުގެ މަރުގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.