Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދަނޑުވެރިންނަށް ފަސޭހައިން ބިން ލިބޭނެ ގޮތް ހަމަޖައްސަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިންނަށް ފަސޭހައިން ބިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތ.ކަނޑުދޫގައި މިރޭ ބޭއްވި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުޅާ ދާއިރާގައި ދަނޑުވެރިން މަސައްކަތް ކުރަން ބަލާއިރު ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިން ފަސޭހައިން ލިބެން ނެތުން އަދި ދިގު މުއްދަތެއްގައި ބިން ނުލިބުމުން ކަމަށެވެ.

އެގޮތުން ދަނޑުވެރިކަން މިހާރު ބޮޑަށް ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ކަމަށާއި އެ ރަށްތަކުން ދަނޑުވެރިންނަށް ބިން ހޯދުމުގައި ދަތިތަކެއް ހުރިކަން އިއްޔެ ބޭއްވި ދަނޑުވެރިންގެ ފޯރަމުގައި ފާހަގަކުރެވިގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކައުންސިލްތަކާއި ވާހަކަ ދައްކައިގެން ދަނޑުވެރިންނަށް މިއަށް ވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ލިބޭނެ ގޮތް ހަމަޖައްސާދޭން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަންމަތީ ބާޒާރަށް ނެރުމުގަ އާއި ރަނގަޅު އަގު އެ އުފެއްދުންތަކަށް ނުލިބުމަކީ ވެސް ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ހެއްދުމަށް 17 ބާވަތެއް މިހާރު ފާހަގަކޮށްފައިވާ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މި 17 ބާވަތް ރާއްޖެ އަށް ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާއެކު އެ މަޝްރޫއު ކުރިއަށް ގެންދިޔުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ބާވާތްތައް ރާއްޖެއިން ބޭރުން އެތެރެކުރާ މިންވަރު މަދުކޮށް، އެފަދަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއެކު ރާއްޖޭގައި އުފައްދާ ތަކެއްޗަށް މާކެޓުން ޖާގަ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.