Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ބަޖެޓް އޮތް ގޮތަށް ފާސްކޮށްފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ

މެންބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް، ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ރައްޔިތުން ބަނޑަށް ޖެހޭ ހިސާބަށް ދިޔުމަކީ އެކަށިގެންވާ ކަމެއް ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ މިހާރު ބަޖެޓު އޮތް ގޮތަށް ބަލާއިރު އިދިކޮޅު މެމްބަރުން އެ ބަޖެޓަށް ރުހުން ދޭން ބޭނުން ނުވާ ކަމަށާއި އެގޮތުން މިހާރު އޮތް ގޮތަށް ބަޖެޓަށް ރުހުން ދިނުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށެވެ.

ނަމަވެސް ބަޖެޓުގައި ރައްޔިތުންނާއި ގުޅުންހުރި މުހިއްމު ކަންކަން ހުރުމުން މިހާތަނަށް ބަޖެޓު ފާސްކުރަން ވޯޓު ދީފައިވާނެ ކަމަށާއި މިފަހަރު ސަރުކާރުން ހުށަހެޅި ބަޖެޓަށް އެއްބާރުލުން ދިނުމާމެދު ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

"މި ބަޖެޓު މިގޮތަށް ފާސްކޮށްފިނަމަ މިއީ ރައްޔިތުންނަށް ލިބގެންދާނެ ވަރަށް ބޮޑު ގެއްލުމެއް. ހާއްސަކޮށް ދަރަނި ބޮޑުވެގެން ގޮސް، ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް ގޮސް، މި އަންނަ ރޯދަ މަހު ހިސާބުގައި މީހުން ބަނޑަށް ޖެހޭ ހިސާބަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ހާލަތަށް ދިޔުމުން ޖެހުނުތަނަކުން އެއްޗެހި ދަމައިގަނެ ފޭރެން ފަށާނެ ކަމަށާއި މިހާރު ވެސް ތަންތަން ފޭރެން ފަށާފައިވާ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން ހުށަހެޅި އެއްވެސް ބަޖެޓެއްގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ލިބިފައި ނުވާ ކަމަށާއި ބަޖެޓުގައި އަދަދުތައް ޖަހަމުންދަނީ ދިރާސާ ކުރުމެއް ނެތި ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަޅާފައިވަނީ، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ.