Last Updated: December 2, 22:38
Thursday, December 2, 2021
ވިޔަފާރި

އެމްޑަބްލިއުއެސްސީ އަށް "ގޯލްޑް 100" އެވޯޑު ލިބިއްޖެ

ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް ދެމުން އަންނަ "ގޯލްޑް 100" އެވޯޑު މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ލިބިއްޖެ އެވެ.

މިރޭ ކްރޮސް ރޯޑު މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" އިވެންޓުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. މިއީ މި އެވޯޑު އެމްޑަބްލިއުއެސްސީން ހާސިލުކުރި ފަސްވަނަ އަހަރެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި ބާއްވާ އެވޯޑެކެވެ. މި އެވޯޑަށް ވިޔަފާރީގެ އެކި ދާއިރާތަކުން ކުންފުނިތައް ހޮވަނީ އެކަމަށް އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއަކުން ބެލުމަށްފަހު އެވެ.

އެގޮތުން ކުންފުނިތަކަށް އެވޯޑު ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، ކާމިޔާބު އީޖާދުތައް އެ ކުންފުންޏަކާ ގުޅޭ ދާއިރާ އަކުން ތައާރަފުކުރި މިންވަރާއި އިޖުތިމާއީ ޒިންމާގެ ރޮގުން އުފެއްދުންތެރި މަސައްކަތް ކޮށްފައިވާ މިންވަރު ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީ އަށް މި އެވޯޑު ލިބިގެން ގޮސްފައިވާއިރު އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާއާ ގުޅުން ހުރި ހިދުމަތް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.