Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ޕްރައިމަރީއަކާ ނުލާ ރައީސް ސޯލިހަށް ޓިކެޓު ދޭންޖެހޭ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

ޕްރައިމަރީއަކާ ނުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީން ރިޔާސީ ޓިކެޓު ދޭންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ވެރިކަމުގައި ހުންނަވާ ފަރާތަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ދޭ މުހިއްމު ސަބަބުތަކެއް ހުންނަ ކަމަށާއި އެގޮތުން އެއީ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މި ދެންނެވި ސަބަބާއި ހުރެ ވެރިކަމުގައި ހުންނަވާ ފަރާތާއި، އަދި ވެރިކަމުގައި ހުންނަވާ ފަރާތް ނިސްބަތްވާ ޕާޓީން މީހުން ކުރިމަތިލުމަކީ ރިޔާސީ ނިޒާމުގެ އާންމު ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީން ބޭނުންވާނަމަ އެ ނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް ނުދަންނަވާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓަށް ވާދަނުކުރެއްވުމަށް ވެސް ނުދަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި އެއީ ގައުމާއި ޕާޓީގެ މަސްލަހަތު ވެސް އެކަމުގައި އޮތް ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީ ބައިބައިވެގެން ދިޔުމުގެ ފުރުސަތު އެބައޮތް އަދި އެފަދަ ބައިބައިވުމެއްގެ ތެރެއިން ރިޔާސީ އިންތިހާބު އަޅުގަނޑުމެންގެ ޕާޓީ އަށް (އެމްޑީޕީ) ގެއްލިގެން ދިޔުމުގެ ފުރުސަތު އެބައޮތް. ވެރިކަމަށް ތަސައްރަފު ފުދިފައި ތިބޭ ޕާޓީތަކުން، ސިޔާސީ މީހުން ދައްކާ ޒާތުގެ ވާހަކައެއް ނޫން" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާން ކުރައްވާފައިވާއިރު އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން ރައީސް ސޯލިހު މިހާތަނަށް އިއުލާން ކުރައްވާފައެއް ނުވެއެވެ.