Last Updated: December 2, 22:38
Thursday, December 2, 2021
ވިޔަފާރި

ޖެންސެޓް އަމިއްލައަށް އެސެމްބަލްކޮށް ފެނަކަ އިތުރު ހަރުފަތަކަށް

ފެނަކަ އިން ރަށްރަށަށް ބޭނުންވާ ޖެންސެޓްތައް ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ އިން ބުނީ މި އަހަރު ޖޫން މަހު ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް ހަ ރަށަކަށް ބޭނުންވާ ޖެންސެޓްތައް އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ފެނަކަ އިން ކުރަނީ ރާއްޖެއިން ބޭރުން އިތުބާރު ހިފޭ އޮރިޖިނަލް ސްޕެއަރ ޕާރޓްސް ގެނެސް، ރަށްރަށުގައި ހުންނަ ކުންފުނީގެ ވޯރކްޝޮޕްތަކުގައި، ކުންފުނީގެ ދިވެހި އިންޖިނިއަރުން މަސައްކަތް ކޮށްގެންނެވެ.

މިގޮތުން މިހާރު ފެނަކައިގައި 100ކވ އިން ފެށިގެން 1000ކވ އާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރުމުގެ ޤާބިލްކަން ހުރި ކަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތަށް މި މަސައްކަތް ކުރުމުން، ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމާ އަޅާބަލާއިރު، ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ދިނުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް ފެނަކަ އިން ބުނެއެވެ.

ފެނަކަ އިން ބުނިގޮތުގައި މި މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ވޯރކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޕަރޭޝަނަށްލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަށްރަށަށް ބޭނުންވާ އާރް.އޯ ޕްލާންޓްތައްވެސް ފެނަކައިން ރާއްޖޭގައި އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތް ދެމުން ދާއިރު، އެ ކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ، އެ މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށެވެ.