Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރަން އައްޑޫގައި އިތުރު ފިޔަވަޅުތަކެއް އަޅަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އައްޑޫ ސިޓީގައި އެޅުމަށް ތައްޔާރުވެއްޖެއެވެ.

ކޮވިޑްގެ ކޭސްތަކެއް ފެންނަމުންދާތީ އައްޑޫގައި މިހާރުވެސް ވަނީ ބައެއް ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގުން ހިމެނެއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ އައްޑޫގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ކޮވިޑްގެ ނަމްބަރުތައް މިހާރު ހުރި ގޮތުން އިތުރު ފިޔަވަޅުތަކެއް ނެތި ކުރިއަށް ދިޔުން އުނދަގޫ ކަމަށެވެ. އަދި ލޮކްޑައުން ކުރުމުން ކޮވިޑް ކޭސްތައް ކޮންޓްރޯލް ކުރެވޭ ކަމަށާއި ނަމަވެސް ވިޔަފާރިތަކާއި އާންމުންނަށް އިތުރު އުނދަގޫތަކެއް ދިމާވެދާނެތީ އެ ފިޔަވަޅު މިވަގުތު އެޅުން އުނދަގޫ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

ލޮކްޑައުންގެ ފިޔަވަޅު ނޭޅި ނަމަވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އައްޑޫ ކޮވިޑް ޓާސްކް ފޯހުން މިހާރު ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒު ކުރެވެން އޮތީ އެޗްޕީއޭގެ ހުއްދަ ވެސް ލިބިގެން ކަމަށްވާތީ އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ވާހަކަތައް މިވަގުތު އަދި ދެންނެވެން ނެތް ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މާ ލަސްތަކެއް ނުވެ އިތުރު ފިޔަވަޅުތަކަކަށް ދާން ޖެހިދާނެ" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ އިން އިއްޔެ 39 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު، އޭގެތެރެއިން 23 ކޭސް ފެނިފައިވަނީ ހިތަދޫންނެވެ. އައްޑޫގައި މިވަގުތު ކޮވިޑްގެ 306 އެކްޓިވް ކޭސް އެބަ އުޅެއެވެ. ފަސް މީހަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު މި ބަލީގައި އައްޑޫ އިން ވަނީ 11 މީހަކު ނިޔާވެފަ އެވެ.