Last Updated: December 2, 22:38
Thursday, December 2, 2021
ޚަބަރު

ބްރޯޑްކާސްޓަރުންނަށް ހާއްސަ އެވޯޑެއް ދޭން ނިންމައިފި

ބްރޯޑްކާސްޓަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

މިފަދަ އެވޯޑެއް ދިނުމަށް ނިންމާފައިވާކަން ހާމަކުރީ މިއަދު ބޭއްވި ބްރޯޑްކާސްޓިން ފޯރަމްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް އެވެ.

ގައިސް ވިދާޅުވީ ބްރޯޑްކާސްޓަރުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން "ބްރޯޑްކާސްޓް އެވޯޑް" ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު، ބްރޯޑްކާސްޓްކުރުމުގެ މީޑިއަމްތައް އިތުރުވަމުންދާތީ، ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ގައިސް އަލިއަޅުވާލެއްވިއެވެ.

ގައިސް ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނީ ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ އެންމެހާ ފަރާތްތައް އެކުގައި ކުރާ މަސައްކަތުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ހުރިހާ ބްރޯޑްކާސްޓަރުން އިތުރު އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދަޢުވަތު ދިން މި ފޯރަމްގައި ބައިވެރިވެފައިވާ ބްރޯޑްކާސްޓަރުންނަކީ، ޕަބްލިކް ސަރވިސް މީޑިއާ، ވީ މީޑިއާ، މޯލްޑިވްސް ބިޒްނަސް ނެޓްވާރކް، އެމް.ވީ. ޓީ.ވީ، ޗެނަލް 13، އަލްކައުން، ނެކްސްޓް ޓީވީ، ޗެނަލް އޯޝަން، ދަރިވަރު ޗެނަލް އަދި ދާރިސް ޓީވީއެވެ.