Last Updated: March 29, 06:30
Friday, March 29, 2024
ދުނިޔެ

ކޮވިޑްގެ އާ ވޭރިއަންޓަށް ހުރިހާ ގައުމަކުން ތައްޔާރުވާން އެދިއްޖެ

ކޮވިޑް-19 ގެ އާ ވޭރިއަންޓް ކަމަށްވާ "އޮމިކްރޯން" ސާޖެއް ނުވަތަ ކުއްލި އިތުރުވުމެއް އަތުވެދާނެ ކަމަށް ބަލައި ހުރިހާ ގައުމަކުން ވެސް އެކަމަށް ތައްޔާރުވާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފި އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް މިހާތަނަށް 20 އަށް ވުރެ ގިނަ ގައުމުން ފެނިފައިވާއިރު، މި ވޭރިއަންޓް އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ އިން ވެސް މިހާރު ވަނީ ފެނިފަ އެވެ.

ޑަބްލިއުއެޗްއޯ އިން ވެސްޓަރން ޕެސިފިކަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ޑރ.ޓަކޭޝީ ކަސާއި ވިދާޅުވީ މިހާރ ރިޕޯޓުކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް މި ވޭރިއަންޓް ފެތުރިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެގޮތުން މި ވޭރިއަންޓް ފެންނަ ގައުމުތައް ކޮންމެ ދުވަހަކު ވެސް އިތުރުވަމުންދާ ކަމަށެވެ.

ކޮވިޑްގެ ކުރީގެ ވޭރިއަންޓްތައް ފެތުރުނު ގޮތުން ފިލާވަޅުތައް ލިބިގެން މި ވޭރިއަންޓާއި ކުރިމަތިލުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޑަބްލިއުއެޗްއޯގެ ރީޖަނަލް އެމެޖެންސީ ޑިރެކްޓަރު ޑރ.ބަބަޓުންޑޭ ވަނީ ގައުމުތަކުން މީހުން އައުން މަނާކުރުމަކީ ވޭރިއަންޓް އައުން ލަސްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މި ވޭރިއަންޓާއެކު ވެސް އެންމެ މުހިއްމީ މާސްކު އަޅައި، ގައިދުރުކަން ބަހައްޓައި، ވެކްސިން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ވޭރިއަންޓާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ މިއީ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށް ކަނޑައަޅާފަ އެވެ. އާ ވޭރިއަންޓާއެކު އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން ގައުމުތަކުން މިހާރު އަންނަނީ ވަގުތީ ގޮތުން މަނާކުރަމުންނެވެ.