Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ވަހީދަކީ ބަޣާވާތް ކުރުން ކަށިން ނުފިލި ބޭފުޅެއް: އިންތި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދަކީ ބަޣާވާތް ކުރުން ކަށިން ނުފިލި ބޭފުޅެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސަރުކާރާއި ހަވާލުވާންޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށް ވަހީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން ވަހީދަށް އަމާޒު ކުރައްވައި އިންތި ވިދާޅުވީ އެއީ "ބަޣާވާތްކުރުން ކަށިން ނުފިލިވާ ބޭފުޅެއް." ކަމަށެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު އެކަން ހިންގުމުގައި ވަހީދު އިސް ރޯލެއް އަދާކުރި ކަމަށްވެސް އެ ޕާޓީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ.

7 ފެބްރުއަރީގައި ހިނގާދިޔަ ކަންކަން އެމްޑީޕީން ބަޣާވާތެއްގެ ގޮތުގައި ސިފަކުރާއިރު، އެކަން ބެލުމަށް ވަހީދުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. އެގޮތުން އެ ކޮމިޝަނުން އެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު ނިންމީ ވެރިކަން ނިމުމަކަށް ބަޣާވާތަކުން ނޫން ކަމަށް ކަނޑައަޅާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަހީދު ވިދާޅުވީ މިއަދު ފެންނަނީ ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވެފައިވާ މަންޒަރު ކަމަށާއި ރާއްޖޭގައި މިހާރު އޮތް އިގްތިސާދީ އަނދަވަޅުން ގައުމު ސަލާމަތް ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށެވެ.

އެގޮތުން ގައުމުގައި މިއަދު ގިނަ ސުވާލުތަކަށް އެބަހުރި ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން ހުރި ވަރަށް ގިނަ ބޭފުޅުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި އެބަ ތިއްބެވި ކަމަށްވެސް ވަހީދު ވިދާޅުވި އެވެ. އަދި މިއަދު ސަރުކާރާއި ޕީޕީއެމް/ޕީއެންސީ އިން ހަވާލުވާންޖެހޭ ކަމަށް ތަކުރާރުކޮށް ވަހީދު ވިދާޅުވި އެވެ.