Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ރަސްފަރި ފަރަށް ލިބުނު ގެއްލުމަށް 10 މިލިއަން ޑޮލަރު ދައްކައިފި

ކ.ރަސްފަރި ފަރަށް އެރި ޕެންމާ އެމްވީގެ އާގު ބޯޓު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 154.2 މިލިޔަން ރުފިޔާ ޖޫރިމަނާ ފައިސާ ބޯޓު ނިސްބަތްވާ ކުންފުނިން ސަރުކާރަށް ދައްކައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ "އެމް.ވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓު ކ.ރަސްފަރި ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަަ ބޯޓުގެ ވެރިފަރާތުން އެންމަވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާއަށް އިސްތިއުނާފް ކުރުމާ ގުޅިގެން މިނިސްޓަރ އެ މައްސަލަ ބައްލަވައި އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށް އެންގުމާ ގުޅިގެން ބޯޓުގެ ވެރިފަރާތުން އެ ފައިސާ ދިވެހި ސަރުކާރަށް ދައްކާފައިވާކަމަށެވެ.

މިގޮތުން ބޯޓުގެ ވެރިފަރާތާއެކު އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީން ކުރި މަޝްވަރާތަކަށްފަހު ޖޫރިމަނާ ފައިސާއާއި ރަސްފަރިފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިޢާދަކުރުމަށް ކުރަންޖެހޭ މަސައްކަތައް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 10 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 154.2 މިލިޔަން ރުފިޔާ މޯލްޑިވްސް މަނިޓރަީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް މިއަދު ވަނީ ޖަމާކޮށްފަ އެވެ.

މިއީ ތިމާވެށީގެ ޤާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދި ފަހަރުކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމުގެ މަސައްކަތަށް ޚަރުދަނާކުރުމަށް ޝަރުތުކޮށް މިފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ޤާބިލުކަން އީޕީއޭގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިަކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރާއި ބޯޓުގެ ވެރިފަރާތާއެކު އެއްބަސްވި ގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ބޯޓު އެރި ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ.