Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

އިނގިރޭސި ޕާލަމެންޓުގައި ކޮކެއިން ބޭނުންކުރާ ކަމުގެ ތުހުމަތު

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ކޮކެއިން ބޭނުން ކުރާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލަ ފެންމަތިކޮށްފައިވަނީ "ސަންޑޭ ޓައިމްސް" ނޫހުންނެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ 12 ފާހާނާ ޓެސްޓު ކުރިއިރު އެންމެ ތަނެއް ފިޔަވައި އެހެން ހުރިހާ ތަނަކުން ކޮކެއިންގެ އަސަރު ވަނީ ފެނިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ކޮކެއިން ބޭނުން ކުރާ ފަރާތްތައް ހޯދުމަށް ކުއްތާ ބޭނުން ކުރުމުގެ ވިސްނުން ހައުސް އޮފް ކޮމޮންސް ކޮމިޝަނުން ގެންގުޅޭ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މި ތުހުމަތާއި ގުޅިގެން ހައުސް އޮފް ކޮމޮންސްގެ ރައީސް ސާ ލިންޑްސީ ހޮއިލް ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ކަންބޮޑުވުން އޮތް ކަމެއްކަން ފާހަގަކުރައްވަމުން ސާ ލިންޑްސީ ވަނީ ގާނޫނާއި ހިލާފުވާ ފަރާތްތަކަށް އަދަބު ލިބެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގައި ކޮކެއިން ގެންގުޅުމަކީ ޖޫރިމާނާއާއެކު ހަތް އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެކެވެ. އަދި އެތަކެތި ވިއްކާ މީހުންނަށް އެގައުމުގައި އޮންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ތިން އަހަރުތެރޭ ޑްރަގުގެ މައްސަލަ ހައްލު ކުރަން 700 މިލިއަން ޕައުންޑްގެ ބަޖެޓެއް ކަނޑައަޅަން އިނގިރޭސި ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.