Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ގެސްޓްހައުސްތަކަށް މީހުން ގެންގޮސް ފައިސާ ފޭރޭ ނެޓްވޯކެއް ވިލިމާލޭގައި

ވިލިމާލެ - ފޮޓޯ: ރާއްޖެއެމްވީ

ގެސްޓްހައުސްތަކަށް މީހުން ގެންގޮސް ފައިސާ ފޭރޭ ނެޓްވޯކެއް ވިލިމާލޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފު ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 17 ގެ ނިޔަލަށް ސްނެޕްޗެޓް މެދުވެރިކޮށް ވާހަކަދައްކައި އޮޅުވާލައިގެން އެކި ފަރާތްތައް ވިލިމާލޭގައި ހުންނަ ގެސްޓްހައުސްއަކަށް ގެންދިޔުމަށްފަހު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ ފަރާތްތަކަށް ބިރު ދައްކައި ބަރަހަނާކޮށް އަދި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯކޮށް ފައިސާ ފޭރެމުންދިޔަ ތިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

މި އަމަލު ހިންގުމުގައި ވިލިމާލޭގައި ކުށްކުރާ ނެޓްވޯކެއް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ނެޓްވޯކުގައި ހިމެނޭ މީހުންގެ ތެރޭގައި ވައްކަމާއި، ފޭރުމާއި އަދި މަސްތުވާތަކެތީގެ ކުށުގައި މީގެކުރިން ހައްޔަރު ކުރެވުނު މީހުން ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި އެ ނެޓްވޯކުގައި ފިރިހެނުންނާއި އަންހެނުންގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ވެސް ކުށުގެ އަމަލު ހިންގުމުގައި މި ނެޓްވޯކުން ބައިވެރި ކުރުުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މި ނެޓްވޯކުން އާންމުކޮށް މީހުން ގެންދަނީ ވިލިމާލޭގައި ހުންނަ "މެލޭމާ" ގޭގައި ހުންނަ ގެސްޓްހައުސްގެ ކޮޓަރިތަކަށް ކަމަށެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ވެސް މީހުން ގެންގޮސް އެމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގެންފައިވާކަން މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން ކަށަވަރުކުރެވޭ ކަމަށް ލަތީފް ވިދާޅުވި އެވެ.

އެގޮތުން އޮކްޓޫބަރު 16 ވަނަ ދުވަހާއި ނޮވެމްބަރު މަހުގެ ހަތެއް އަދި 17 ވަނަ ދުވަހު "މޭލޭމާ" ގޭގައި ހުންނަ ގެސްޓްހައުސްއަކަށް ތިން މީހަކު ގެންގޮސް ތޫނު ހަތިޔާރުން ބިރު ދައްކައި ގަދަކަމުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ ނަގައި ވީޑިއޯކޮށް ފައިސާ ފޭރުނު ތިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ ތިން މައްސަލައިގައި ވެސް ހަރަކާތްތެރިވެފައިވަނީ އެ ނެޓްވޯކުގެ މީހުންކަން ފާހަގަކުރެވިފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

އެ މައްސަލަތަކުގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. އެއީ 21 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ. އެ ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުންކަން ލަތީފް ފާހަގަކުރެއްވި އެވެ.