Last Updated: April 25, 10:16
Thursday, April 25, 2024
ވިޔަފާރި

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓު އަދި އާމްދަނީ އިތުރުވެއްޖެ

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ ހަތަރު ބިލިއަނަށް އަރާފައެވެ. މިއީ 94 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 15 ޕަސެންޓަކީ ޗައިނާ އިން އެތެރެކުރި މުދަލެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓުކޮށްފައިވަނީ 230 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 297 މިލިއަން ރުފިޔާގަ އެވެ. މިއީ 29 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 38 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

ނޮވެމްބަރު މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 17 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 322 މިލިއަން ރުފިޔާގަ އެވެ.